އެއްވެސް ފަރުދަކު ބާކީ ނުކޮށް ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒު

5 months ago

އަފްރާހް

ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން "ހާމަނައިޒްޑް" އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވެފައިވަނީ "ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި ތީމުގެ ދަށުން ބޭއްވި 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.


އެކަމަނާ ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަމާއި މި ހައްގުން ކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތުކަމަށެވެ. އަދި އެންމެހާ ދިވެހިންނަކީ މުޖުތަމައުގައި ފުރިހަމައަށް ހިއްސާވާ، އަބުރުވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު އޮތް ބަޔަކަށް ހެދުމަކީ މި ސިޔާސަތުން ކަށަވަރުކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އަމާޒަކީ އިސްރަށްވެހިން ހިމެނޭހެން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އަދި އެފަދަ ހާލަތަށް ހުށަހެޅިދާނެ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތް މަގުފަހިވާނެފަދަ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހުރިހާ ރައްޔިތުންނަށް ދިމާވާ އިޤްތިޞާދީ، އިޖުތިމާޢީ ލޮޅުންތަކާއި ޤުދުރަތީ ކާރިޘާތަކުން ރައްކާތެރިކޮށްދޭނެ "ހާމަނައިޒްޑް" އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކުރުންކަން ކަމަށް ވެސް ވިދާޅުވިއެވެ.


"މިފަދަ ނިޒާމެއް ގާއިމުކޮށް ރާވައި ހިންގުމުގެ މައިގަނޑު އެއްމަގްސަދަކީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު. އެއްވެސް ފަރުދަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެބޭނުންވާ އެހީތައް އެކަމަށް ކަނޑައެޅޭ ވަގުތުގައި ފޯރުކޮށްދިނުމުގެ އަމާޒު އެންމެ ފުރިހަމައަށް ހާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން." ވަޒީރު ފާހަގަކުރެއްވިއެވެ.


ވަޒީރު ވަނީ މި ނިޒާމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އޮނިގަނޑެއް ކަމަށެވެ. އަދި މި ނިޒާމުގެ މައިގަނޑު ބަހާތައްކަމަށްވާ އިޖްތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް އަދި އިޖުތިމާޢީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ދިމާވާ އަދި ދިމާވެދާނެ އެކިކަހަލަ ލޮޅުންތަކުން ރައްކާތެރިކުރުމަށް ދުރާލާ ތައްޔާރުވުމަށް އެކުލަވާލެވޭ ޕްރޮގްރާމްތަކެއްކަން ފާހަގަކުރެއްވިއެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.


މި ފޯރަމް ކުރިއަށްގެންދަނީ ކުރުނބާ މޯލްޑިވްސްގައެވެ.


ކިޔުންތެރިންގެ ހިޔާލު