ހާޝިމް ވަކިކޮށް ގަވަރުނަރުކަން މުނައްވަރަށް

3 months ago

އަފްރާހް

މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަގާމުން ވަކިކުރައްވައިފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން ޢަލީ ހާޝިމް ވަކިކުރައްވާފައިވަނީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީއެވެ.


މީގެއިތުރުން ރައީސް ވަނީ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް މިހާރުވަނީ ހުށަހަޅުއްވާފައެވެ.


ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުނައްވަރު މިހައިތަނަށް ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ.


ޢަލީ ހާޝިމް އެ މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. ނާޒިމް ހުށަހަޅުއްވާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާކަމަށް ވިދާޅުވެއެވެ.


މި މައްސަލަ މާލިއްޔަތު ކޮމިޓީގައި ކުރިޔަށްގެންދިޔައިރު، ގަވަރުނަރއަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ވަނީ ދެއްވާފައެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނު ވަޑައިނުގަންނަވައެވެ.


އެ މައްސަލައިގާ އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ޖުލައި 17 ވީ ބުދަ ދުވަހުއެވެ.


އެއާއެކު ގަވަރުނަރުކަމުން ހާޝިމް ވަކިކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން މެންބަރުން 63 ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު