މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ދިވެހި ގައުމާ މުޚާތަބު ކުރައްވާނެ

3 months ago

އަފްރާހް

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުޚާތަބު ކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.


އެ އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ކަމަށެވެ.


މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވުން ވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.


ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށް ރައީސް ދެއްވާ އިނާމެކެވެ.


މީގެއިތުރުން އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވެސް ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ މި އިނާމު ދެއްވައެވެ.


މި އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށް ވެސް އެރުވޭ އިނާމެކެވެ. ހުކުރު ދުވަހުގެ ރޭ އޮންނަ ޖަލްސާގައި 138 ބޭފުޅަކަށް މި އިނާމު އެރުވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު