ފަސްވަނަ މެރިން ސައިންސް ސިމްޕޯސިއަމް މި މަހު ބާއްވަނީ

3 months ago

އަފްރާހް

ފަސްވަނަ މެރިން ސައިންސް ސިމްޕޯސިއަމް މި މަހު ބާއްވަން ނިންމައިފިއެވެ.


މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ވިދާޅުވީ ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން އަންނަ ސިމްޕޯސިއަމް މިއަހަރު ބާއްވާނީ މި ޖުލައި މަހުގެ 24 އަދި 25 ގައި ކަމަށެވެ. މި ސިމްޕޯސިއަމް ބޭއްވުމަށް ނިންމާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައި ކަަމަށެވެ. 


އެ އިސންސްޓިޓިއުޓުން ވިދާޅުވީ މި ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން، މި އިވެންޓް އޮންލައިންކޮށް ބެލޭނޭ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށެވެ.


ދެ ދުވަހަކަށް ބަހާލައިގެން ބާއްވާ މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖުމްލަ 63 ދިރާސާގެ ތެރޭގައި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނެއެވެ. ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށެވެ.


މި ދާއިރާތަކަކީ: 'ކޮރަލްސް އެންޑް ރީފް އިކޮލޮޖީ'، 'ފިޝަރީޒް އެންޑް އެކުއަކަލްޗަރ'، 'ޝާރކްސް އެންޑް ރޭސް'، 'އަދަރ މެރިން މެގަ-ފައުނާ'، 'މެންގްރޫވްސް އެންޑް ސީ ގްރާސެސް'، އަދި 'މިސެލޭނިއަސް މެރިން ތީމްސް' އެވެ. މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.


ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި، ސިމްޕޯސިއަމް ހިންގާ ފަރާތްކަމުގައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.


މިގޮތުން ގިނަ އަހަރުތަކަކަށްފަހު މޯލްޑިވްސް މެރިން ރިސާރޗް ބުލެޓިން އަލުން އިއާދަކުރުމަށް ބުލެޓިންގެ 9 ވަނަ އަދަދު ނެރުމާއި އިންސްޓިޓިއުޓަށް ރިސާރޗް ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ހަމަޖެހިފައިވެއެވެ.


2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯސިއަމްގެ އަމާޒަކީ ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު