5 months ago
ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށްބޮޑު އިސްކަމެއްދެއްވާކަން ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި) އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ގައުމުގެ ކުރިއެރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށްދިއުމަށް ވެސް ރައީސް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.
އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ 2021 ވަނަ އަހަރު އެ ޖަމުޢިއްޔާ ރާއްޖޭގައި އުފެދުމަށްފަހު، އެޖަމުޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ.
އެގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި މަނީ ލޯންޑަރިން ދެކޮޅަށް މަސައްކަތްކުރުމާއި މާލީކަންކަން ޤަވާޢިދުތަކާ އެއްގޮތަށް ގެންދިއުމާއި ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީއަށް ބޭނުންވާ ސިއްހީ އަދި ޤާނޫނީ ޚިދުމަތްތައް ލިބިދިނުންފަދަ ބައެއް ނާޒުކު މައްސަލަތައް ހައްލުކުރުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކުގެ ޒަރީއާއިން ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
މީގެއިތުރުން އިސްލާހީ ބަދަލުތައް ގެނައުމުގެ ގޮތުން ޝަރުޢީ ދާއިރާއާ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި، ނައިބު ވަނީ ގައުމުގެ ކުރިއެރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ހިއްސާ މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ.
އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި އަކީ އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމުޢިއްޔާއެކެވެ. އަދި އެއީ އެމެރިކަން ބާ އެސޯސިއޭޝަންގެ ބައިނަލްއަޤްވާމީ ތަރައްޤީގެ ޕްރޮޤްރާމުގެ ދަށުން އިންޞާފާއި އިޤްތިޞާދީ ފުރުޞަތުތަކާ އަދި ޤާނޫނުގެ ވެރިކަން މެދުވެރިކޮށް އިންސާނީ ކަރާމާތް ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާ ޖަމުޢިއްޔާއެއް ވެސް މެއެވެ.