މަޖީދިއްޔާ ސްކޫލަަށް ގަރުނެއް ފުރުން ފާހަގަކުރާ ހަފުލާ މިނިސްޓްރީން ރަސްމީ ކުރަނީ

3 months ago

އަފްރާހް

ރާއްޖޭގެ ތަރައްގީގައި މަޖީދިއްޔާ ސްކޫލްގެ ހިއްސާ ވަރަށް ބޮޑުކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރެން 1000 ދުވަސް ފެށުމުގެ ކައުންޓްޑައުން ފެށުމަށް ޖުލައި 23 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރ ވަނީ ރާއްޖޭގައި ރައީސްކަން ކުރެއްވި 8 ބޭފުޅުންނަކީ ވެސް އެ ސްކޫލުން ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރައްވާފައެވެ. އަދި އެއީ މަޖީލދިއްޔާ ސްކޫލަކީ ރާއްޖޭގެ ތަރައްގީގައި ހިއްސާބޮޑުކަން ހާމަކޮށްދޭ ހެއްކެތްކަމަށް ވެސް ވިދާޅުވިއެވެެ.


މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް ގަރުނެއް ފުރުން ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަޖީދިއްޔާ އަށް 100 އަހަރުފުރުމުގެ ހަފްލާ ވެގެންދާނީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ރަސްމީ ހަރަކާތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.


މަޖީދިއްޔާ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ފަށާފައިވާއިރު، މުނާސަބާ އާއި ގުޅިގެން މޮނިއުމެންޓެއް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.


ހަމަމިއާއެކު މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސަލްކޮށްފައިވާ ދަރިވަރުންގެ އިސްނަގައިގެން ބާއްވާ މިއުޒިކް ޝޯވ "މަޖީދީ ދަންމަރު" މި ޖުލައި މަހުގެ 24 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. އެ ސްކޫލްގެ ޞަލާޙުއްދީން މާލަމުގައި ބާއްވާ މި ޝޯވ ގައި މައިޒާން ޢަލީ މަނިކް، ޢަބްދުއްރަޝީދު ޢަލީ (އަބްސީ)، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލް ފަދަ ބޭފުޅުޅުންގެ ހުނަރު ފެނިގެންދާނެއެވެ. އަދި ޢަބްދުﷲ ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާތިފް (އެކްސްރޭ އާތިފް) ފަދަ ބޭފުޅުން ވެސް ފެންނާނެއެވެ.


މީގެއިތުރުން މަބާޙް އާއި ހައިރޭންޖުގެ ލަވަތައް ކިޔުމުގައި ރާއްޖޭގެ އެންމެފުންނާބު އުސް ލަވަކިޔުންތެރިޔާ ކަމުގައިވާ އަޙްމަދު އިބްރާހީމް (އައްމަޑޭ) ގެ ހުށަހެޅުންތަކަށް ވެސް ފެނިގެންދާނެއެވެ.


މި ޝޯވ އަށް މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ޓިކެޓުގެ އަގު ތަކަކީ 300 ރުފިޔާ، 200 ރުފިޔާ، އަދި 150 ރުފިޔާއެވެ. ޓިކެޓު ގަތުމަށް ނުވަތަ މައުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކުން 7355788 ނަމްބަރަށް ގުޅުމުން އޮޅުންފިލުވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.


ޓިކެޓް ވިއްކައިގެން ލިބޭ ހުރިހައި ފައިސާއެއް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު