އިސްދޫގައި ކުރިއަށް ގެންދިޔަ “ފަތާލާމު” ޕްރޮގްރާމް ނިމިއްޖެ

3 months ago

އަފްރާހް

ހައްދުންމަތީ އިސްދޫގައި ކުރިއަށް ގެންދިޔަ 'ފަތާލާމު' ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.


މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު އިސްދޫ ސްކޫލު ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ.


މި ރަސްމިއްޔާތުގައި އިސްދޫ، ކަލައިދޫ ސްކޫލުން މި ޕްރޮގްރާމުގައި ބައިވެރިވެ، ފަތަން ދަސްކުރި ދަރިވަރުންނަށް މެޑަލް އަދި ސެޓްފިކެޓް ދީފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވެ ފަތަން ދަސްކުރި ބޮޑެތި މީހުންނަށް ވެސް ވަނީ ސެޓްފިކެޓް ދީފައެވެ.


މި ރަސްމިއްޔާތުގައި ލ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡު އިބްރާހީމްއާއި އިސްދޫ އާއި ކަލައިދޫގެ ކައުންސިލު މެންބަރުންނާއި ދެ ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.


'ފަތާލާމު’ ޕްރޮގްރާމަކީ ލ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ލާމު ޕޮލިހާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ލ. އަތޮޅުގެ ހުރިހާ ސްކޫލު އަދި ރަށު ކައުންސިލުތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފަތަން ދަސްކޮށްދެނީ ސްވިމިންގ އެސޯސިއޭޝަންގެ އިންސްޓްރަކްޓަރ ނައުފަލް މޫސާއެވެ.


މިހައިތަނަށް ލ. އަތޮޅުގެ ހަތަރު ރަށެއްގެ ފަސް ސްކޫލެއްގައި މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި 162 ދަރިވަރަކަށް ވަނީ ފަތަން ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 851 ދަރިވަރުންނަށް މިހާރުވަނީ ފަތަން ދަސްކޮށްދީފައެވެ.


ލާމު ޕޮލިހުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ލ. އަތޮޅުގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސް އަދި އެ އަތޮޅުގައި ސްވިމިންގ އިންސްޓްރަކްޓަރސް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު