އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތަށް ސަރުކާރުން އިހްމާލުވާކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

3 months ago

އަފްރާހް

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސައިގާ އެމްޑީޕީން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.


މި މައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. މި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ އައްޑު ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަަބުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ 30،000 އަށް ވުރެ ބޮޑު އާބާދީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަަމަށެވެ.


އެގޮތުން ސްކޫލްތަކާއި އޮފީސްތަކުންނާއި ފިހާރަތަކުން ހިދުމަތް ނުދެވުމާއި ގޭގައި ގެންގުޅޭ ސާމާނު ހަލާކުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ކަރަންޓުގެ ހައްގުތައް ކެނޑުމަކީ އެހެނިހެން އަސާސީ ހައްގުތަކަށް އަސަރު ކުރާނެ ކަމެއް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.


އެހެންކަމުން މިއީ މަޖިލީހުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި ކަރަންޓު ކަނޑާލުމުގެ ކުރިން ރައްޔިތުންނަށް ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އެތައް ގަޑިއިރަކަށް ކޮންމެ ދުވަހަކު އެކި ފަހަރުގެ މަތިން ކަރަންޓު ކަނޑައިލަނީ އެފަދަ ނޯޓިސްއެއް ދިނުމެއް ނެތި ކަމަށް ވެސް ވިދާޅުވިއެވެ.


ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ 57 މެންބަރުންގެ އިއްތިފާގުން އެ މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވަނީ ފާސްކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު