ހުޅުމާލޭ ހާފްވޭ ހައުސްގައި އައުޓްޕޭޝަންޓް ހިދުމަތް ފަށަނީ

3 months ago

އަފްރާހް

ހުޅުމާލޭ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނުގައި އައުޓް ޕޭޝަންޓް ކްލިނިކްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާ އިން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރުއެވެ.


މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ލުބްނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް ވޭތުވެދިޔަ 13 ވަރަކަށް އަހަރު އެކަށީގެންވާ ޚަރަދުތަކެއް ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މިއަހަރުތެރޭގައި ގެނައުންކަން ލުބްނާ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގައި އައުޓް ޕޭޝަންޓް ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.


މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެކަން ޙައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު