މާލެ ފަހި ޕްރޮގްރާމް، ރައީސް އިފްތިތާހު ކޮށްދެއްވައިފި

2 months ago

އަފްރާހް

"މާލެ ފަހި" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.


މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ފެށި މި ޕްރޮގްރާމް، އެމަނިކުފާނު އިފްތުތާހުކޮށްދެއްވީ މިކަމަށްޓަކައި ޖުލައި 24 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.


މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ ކަމާއިގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވައިލި "އަރބަން ޓްރ ފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއި މަޝްވަރާ އާއެކު އެކުލަވައިލި ޕްލޭނުގައިވާ ހަރަކާތްތަކެކެވެ.


މި ޕްރޮގްރާމު ތިން ބަޔަކަށް ބަހާލާފައިވާއިރު، އެއީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރުމެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމެވެ.


މީގެއިތުރުން ދެން ހިމެނެނީ މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުމެވެ.


ގްރޭޓަރ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއްހޯދުމަށް، ޓްރާންސްޕޯޓު މިނިސްޓްރީން ހުށަހަޅުއްވާފައިވާ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެ މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ވެސް ރައީސް ވަނީ މީގެކުރީން ވެސް ނިންމަވާފައެވެ.


ރައީސް ޑރ. މުއިއްޒު ވަޒީރުންގެ މަލިލީހާއެކު ބެއްވެވި ބައްދަލުކުރެއްވުމުގައި މި ޕްރޮގްރާމާއި ގުޅޭގޮތުން ކަމާއިބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވެސް ނިންމަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަދުރޭ

މާލޭ ޒޯނުގާ ދުއްވަން ރަޒިސްޓުރީ ކޮއްފާވާ އުޅަނދު ފިއަވާ އެހެން އުޅަނދުތައް މިޒޯނުގާ ދުއްވުން ހުއްޓުވަންޖެހިއްޖެ އަދި ބޭރުމީހުންގެ ނަމުގާ ވެހިކަލު ރަޖިސްޓުރީ ކުރުންވެސް ހުއްޓުވަންޖެހިއްޖެ އޭރުންވެސް ކޮންމެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމައްފެނޭ

2 months ago