ކޮންމެ ކުއްޖަކީ ވެސް އެހީތެރިކަން ބޭނުންވާ ތަފާތު ކުއްޖެއް: ހަސްމާ

5 months ago

އަފްރާހް

ފިޔަވަތީގައި ކުދިންނާ ގުޅިގެން ކުރެވޭ ކޮންމެ ކަމަކީވެސް ކުދިންގެ ރައްކާތެރިކަމާ އެކުދިންގެ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަންދީގެން ކުރާ މަސައްކަތްތަކެއްކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު ހަސްމާ ހަސަން މަނިކް ވިދާޅުވެއްޖެއެވެ.


ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ފިޔަވަތީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެކަމަނާ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަބަދުވެސް ކުދިންގެ ކަންކަން ގާތުން ބެލެމުން ދާ ކަމަށެވެ.


ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ކުދިންގެ ތެރެއިން ތަފާތު އެކިކަހަލަ އެހީތެރިކަން ބޭނުންވާ ކުދިންނާއި، ބަލިއެނދުގައި ދާންމަތިވެފައި ތިބި ކުދިންނާއި ތަފާތު އެކިކަހަލަ ބަލިތަކުގެ ސަބަބުން ތަފާތު ތެރަޕީ ދޭންޖެހޭ ކުދިން ތިބޭއިރު، މިއިން ކޮންމެ ކަމަކަށް ވެސް އިސްކަންދީގެން ޚިދުމަތްތައް ދެވެމުން ގެންދާކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ފިޔަވަތީގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ޢާއިލީ ވެއްޓެއްގައި އުޅެވޭކަމުގެ އިޙުސާސުކުރެވުމަށްޓަކައި ކުރަންޖެހޭ ތަފާތު އެކި ކަންކަން ކުރުމަށް ނުހަނު ބޮޑު ސަމާލުކަމެއް ދީ، ކޮންމެ މުވައްޒަފަކު ވެސް ކުދިންނާ މުއާމަލާތުކޮށް އެކުގައި ހޭދަކުރާ ވަގުތުތަކަކީ އެކުދިންނަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ދީގެން ކުރާ މުއާމަލާތަކެއްކަމުގައި ހެދުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށް ވެސް ވިދާޅުވިއެވެ.


އެގޮތުން މުވައްޒަފުންނަށް ބޭނުންވާ އެކިއެކި ފަންނީ އެހީތެރިކަން ވުޒާރާގެ ކަމާގުޅުންހުރި އެކިއެކި ސެކްޝަންތަކާއި އެހެނިހެން ބޭފުޅުން މެދުވެރިކޮށް ވެސް ފޯރުކޮށްދެވެމުން އަންނަ ކަމާއި، ފިޔަވަތީގައި މަސައްކަތްކުރަމުން އަންނަ ފަންނީ މުވައްޒަފުންނާ ސުޕަވައިޒަރީ ލެވެލްއިންވެސް އަންނަނީ އެ އެހީތެރިކަން ފޯރުކޮށްދެމުންކަން ހަސްމާ ފާހަގަކުރެއްވިއެވެ.


ހަސްމާ އިތުރަށް ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އެހީތެރިކަން ބޭނުންވާ ތަފާތު ކުއްޖެއް ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރު ހުރި ކުއްޖެއް ކަމަށެވެ. އަދި ފިޔަވަތީގައި ކުދިން އެކުގައި ދިރިއުޅޭއިރު އެއްކުއްޖަކު އަނެއްކުއްޖަކާ އޮންނަ ގުޅުމާއި ހާއްސަކޮށް އެންމެ ތުއްތު ކުދިންނާ ބާއްވާ ގާތްކަން، އަދި އެކުދިން އެކަކު އަނެކަކު ދެކެ ވާ ލޯތްބަކީ އެކަމަނާއަށް އެންމެ ފާހަގަކޮށްލެވޭ، އަދި އުފާވެރިކަން ގެނެސްދޭ ކަންކަމުގައި ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ކޮންމެ ކުއްޖަކަށް ވެސް އެންމެ ރަނގަޅީ ޢާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ލިބިގެން ބޮޑުވުން ކަމުގައިވާތީވެ، ފިޔަވައްޗަށް ގެނެވުމަށްފަހުވެސް އެކުދިންގެ ޢާއިލާއާއި އެކުގައި އަންނަނީ ތަފާތު އެކިއެކި މަސައްކަތްތައް ކުރެވެމުންކަން ފާހަގަކުރެއްވިއެވެ.


އެގޮތުން ކުދިން ޢާއިލާއަށް އަނބުރާ ފޮނުވުމާ (ޢާއިލާގެ ފަރާތަކަށް ރީ އިންޓަގުރޭޓް ކުރުމާ) ޢާއިލާ ނޫން ފަރާތަކަށް ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖަކު ބެލެހެއްޓުމުގެ ފުރުޞަތު (ފޮސްޓަރިންގް އަދި ވަގުތީ ފޮސްޓަރިންގެ ޚިދުމަތް) ލިބެން އޮތްކަން ހަސްމާ ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު