5 months ago
ބްރިޖުން ޓޯލް ނެގުމަކީ ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ "މާލެ ފަހި" ޕްރޮގްރާމް ލޯންޗު ކުރުމަށް ޖުލައި 24 ވީ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ސިނަމާލެ ބްރިޖާއި ހައިވޭ އިން ޓޯލް ފީ އެއް ނެގުމަށް ސަރުކާރުން ވިސްނަމުން އަންނަކަމަށް ހާމަކުރެއްވުމާއި ގުޅިގެންނެވެ.
'އެކްސް' ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.
އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ހައްލު ވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން. ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް،…
— Dr Mohamed Muizzu (@MMuizzu) July 25, 2024
މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައާރަފްކުރި "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން ކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ރޭ ވަނީ ދައްކާލާފައެވެ. އަދި އެ ޕްރެޒެންޓޭޝަނުގައި ބްރިޖާއި ހަލި މަގުން ޓޯލް ފީއެއް ތައާރަފް ކުރަމުންދާ ކަމަށް ވިދާޅުވެފައިވީނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ އެކަން ކުރައްވާނީ ކަމާއިގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމާއި ގުޅޭ ދިރާސާ ކުރުން އަންނަ އޮގަސްޓް މަހު ފަށާނެކަން ވެސް ވަނީ ހާމަކުރައްވާފައެވެ.