ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާ ކުރިއެރުވުމަށް ޕާކިސްތާނުން 10،000 ޑޮލަރު

2 months ago

އަފްރާހް

ޕާކިސްތާނުން ދިވެހި ބަހުގެ އެކެޑަމީ އަށް 10،000 ޑޮަލަރު ހަދިޔާކޮށްފިއެވެ.


މިކަމަށްޓަކައި ދިވެހި ބަހުގެ އެކެޑަމީގައި ޖުލައި 25 ވީ ބްރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.


ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދެގައުމުގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމަށް ލިބޭ ވަރަށް ހާއްސަ އުފަލެއް ކަމަށެވެ.


މީގެއިތުރުން ރާއްޖޭގެ ތަރައްގީ އަށް އެކި ގޮތްގޮތުން އެހީތެރިކަން އެގައުމުން ދެއްވާކަން ފާހަގަކުރައްވައި، ހާއްސަގޮތެއްގައި ތައުލީމާއި ތިމާވެއްޓާއި އުމްރާނީ ތަރައްގީ ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ ވެސް ވަނީ ފާހަގަކިރައްވާފައެވެ.


ސަފީރު އިތުރަށް ވިދާޅުވީ މި އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނޭކަމަށް ވެސް ވިދާޅުވިއެވެ.


ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމުގައި މިއީ މިހިނދަށް ވަރަށް ބޭނުންތެރި އެހީއަކަށްވާނެކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކުރެވޭނެ އެއްޗެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން މިސްޓަރ ޒުލްޤަރްނައިން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް ވެރީންނާއި ދިވެހިބަހުގެ އެކެޑަމީގެ މުޝީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު