5 months ago
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި އެ މިނިސްޓްރީގެ ޓީމުގެ ބޭފުޅުން ހައްދުންމަތީގެ ބައެއް ސްކޫލުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެގޮތުން ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު، ނޭޝަނަލް ކެރިއަރ ސާރވީސްގެ ސީއީއޯ ޝަހީދާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި އެ ސްކޫލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މިނިސްޓަރ ވަނީ ސޮއި ކުރައްވާފައެވެ. އަދި އެ ސްކޫލްގެ އެސްއެމްޓީ އާއި ލ. ގަމުގެ އިތުރު ސްކޫލްތަކުގެ މެނޭޖްމަންޓާއި ބައްދަލު ކުރައްވައި، އެ ސްކޫލްތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ.
މީގެއިތުރުން މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމަށް ސްކޫލްތަކުން މިނިސްޓްރީ އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ ލ. އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ވަޑައިގެން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ޒިޔާރަތުގައި ވެސް އެ މަރުކަޒުގެ އެސްއެމްޓީ އާއި ބައްދަލުކުރައްވައި ސްކޫލް ނިމި މައިދާނަށް ކުދިންނިކުތުމުގެ ކުރިން އެކުދިންނަށް ލިބެންޖެހޭ ތަމްރީނާއި ތައުލީމްގެ ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބޮޑަށް ބޭނުންވާ ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ޝައުގުވެރިކަން ދަރިވަރުންގެ ކިބައިގައި ޅަފަތުންފެށިގެން އަށުގަންނަވަންޖެހޭ ކަމަށެވެ. އެކަން ކުރެއްވޭނީ މަދުރަސީ ދައުރުންފެށިގެން އެކަންކަމަށް ކުދިން ޝައުގުވެރިކުރުވައި، ހޭނުވުމުންކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި އެކި ދާއިރާތަކުން ހުނަރުވެރިން އުފެއްދުމާއި، އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާ އަށް ކުދިން ހޭނުވުމަށް އިސްކަމެއް ދެއްވަން ޖެހޭކަމަށެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް ޖޮބްސެންޓަރ ގެ ސީއީއޯ ޝަހީދާ އަލީ ވިދާޅުވީ މަސައްކަތުގެ މައިދާނުގައި ދިވެހިންނަށްވުރެ ބިދޭސީން އިތުރުވަމުން އައުމަކީ ހިތާމަކުރައްވާކަމެއްކަމަށެވެ. އެހެންކަމުން ނޭޝަނަލް ޖޮބްސެންޓަރ އާއި ޕޮލިޓެކްނިކް ގުޅިގެން ސްކޫލު ނިންމާ ކުދިންނަށް އެކުދިންގެ ކެރިއަރ ބިލްޑް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ. އަދި އެކަމުގައި ސްކޫލްތަކުގެ އެއްބާރުލުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
މިއީ ލ. ގަމާއި ފުނަދޫގައި މަތީ ތައުލީމާއި ބެހޭ ދާއިރާއިން ކުރެވެން ހުރި ކަންކަން ބައްލަވައި، ހުރި ގޮންޖެހުންތައް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.