ނައިބު ރައީސްގެ ހިތްވަރު އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް

5 months ago

އަފްރާހް

ފްރާންސްގެ ޕެރިހުގައި މިއަދު ފަށާ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރުދެއްވައިފިއެވެ.


އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ އެމަނިކުފާނު ބައްދަލުކުރެއްވީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.


މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވާފައެވެ.


މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.


ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު