އިސްރަށްވެހީންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

5 months ago

އަފްރާހް

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިސްރަށްވެހީންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މާލޭގައި ހުރި އިސްރަށްވެހީންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަންގައި އަލިފާނަކީ ކޮބައިކަމާއި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެފަދަ ހާދިސާއަކުން ސަލާމަތްވުމަށް އިސްރަށްވެހީންނަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވިފައިވެއެވެ.


އިސްރަށްވެހީންގެ ނާދީގައި އަހަރު ދުވަހަށް ބަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހިންގޭ އެކި ޕްރޮގްރާމްތަކާއި، ޞިއްޙީ ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތަކުގެ އިތުރުން، މެރިޓައިމް ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތައް ހިމެނެއެވެ.


މިއީ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، ބިނާކުރި ފުރަތަމަ މަރުކަޒެވެ. 

މި ނާދީ ހުޅުވާދެއްވާފައި ވަނީ މި އަހަރުގެ ފެބުރުވަރީ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.


ކިޔުންތެރިންގެ ހިޔާލު