ސައިން ލޭންގުއޭޖް ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

2 months ago

އަފްރާހް

ބޭސިކް ސައިން ލޭންގުއޭޖް ކޯހުގައި ބައިވެރިވުމަށް ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދިއުމަށް ނިންމާފަިއވާ ކޯހެކެވެ.


އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްވިފައިވާ ކޯހެކެވެ.


އެވުޒާރާ އިން ވިދާޅުވީ މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި 28 ވާ އާދީއްތަ ދުވަސް ކަަމަށެވެ. އަދި ކޮންމެ އިދާރާއަކުން ވެސް މަދުވެގެން 2 ބޭފުޅުން ބައިވެރިވުމަށް އެ ވުޒާރާ އިން ވަނީ އެދިލައްވާފައެވެ.


ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާކޮށްފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށެވެ.


މިގޮތުން ފުރަތަމަ މަރުހަލާގައި މި ކޯހުގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނެވެ. އެ ވުޒާރާ އިން ވިދާޅުވީ މި ކޯހުގެ ސަަބަބުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.


ކޯސް ކުރިއަށް ގެންދަނީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.


މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭކަން އެވުޒާރާ އިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު