ގާނޫނަށް ބަދަލުގެނެސްގެންވިޔަސް ދައުލަތަށް ދައްކަންޖެހޭ ފައިސާ މި ފަސްއަހަރުތެރޭ ހޯދާނަން: މިިސްޓަރ

2 months ago

އަފްރާހް

ޓޫރިޒަމް ދާއިރާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ މި ފަސްއަހަރުތެރޭ ހޯދާނެކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު، ގާނޫނަށް ބަދަލު ގެނެސްގެންވިޔަސް ޓޫރިޒަމްެގެ ދާއިރާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ލޭންޑް ރެންޓް ބަރާބަރަށް ލިބޭނެ އުސޫލުތަކެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި އެލާރި ދައުލަތަށް ލިބެންޖެހޭ ވަގުތު ހޯދޭނީ އޭރުން ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، މިނިސްޓަރ ވަނީ މީގެވަރަށްބޮޑު ޒިންމާއެއް މިދިޔަ ސަރުކާރުން ނަގަންޖެހޭކަމަށް ވިދާޅުވެފައެވެ.


"އޭރުގަ ތިއްބެވި ޓޫރިޒަމް މިނިސްޓަރުން. މިހުންނަނީ ވަރަށް އަޅާނުލާ ކަންފަސޭހަކޮށް އެއްވެސް މަސައްކަތެއް ނުކޮށް ލޭންޑް ރިފަރކޮށްދިނުން އެނގޭތޯ. ރިސޯޓަކުން ނޫނީ ބޭފުޅަކު ރިފަރ ކުރަން ހުށަހަޅާއިރަށް އެބޭފުޅުން އެއްވެސް ބަލާލުމެއް އެއްވެސް ހަރުދަނާކަމެއްނެތި. އެހެން ނުކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ފައިސަލް އިތުރަށް ވިދާޅުވީ މިއަދު މަގާމުގައި ހުރީތީ ބޭނުންވާ މީހަކަށް ފޭވަރ ކުރުމުގެ ގޮތުން އެކަން ކޮށްފިކަމަށްވަންޏާ، ކުރި ހުވަޔާ ވެސް ޚިލާފުވީ ކަމަށެވެ. އަދި ދިވެހި ރައްްޔިތުންގެ މަސްލަހަތު މާ މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.


ޓޫރިޒަމް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ މެއިމަހުގެ ނިޔަލަށް ދައުލަތަށް 15.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރިކަން ފާހަގަކުރައްވައި، މި ފައިސާ ދައުލަތަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާ މި ސަރުކާރުން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.


ރައީސް ވިދާޅުވީ މި ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެކަމަށެވެ. އެހެންނަމަވެސް އެހާ ހިސާބަށް ނުގޮސް މި އަދަދުގެ ދެބައިކުޅަ އެއްބައި ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި ގައުމުގެ އިގްތިސާދީ ސިޔާދަތު ކަށަވަރުކޮށް ދަރަނިން ސަލާމަތްވުމަށްޓަކައި މި ފައިސާ ހޯދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު