ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް އޮގަސްޓު 1 ގައި ހުޅުވާލަނީ

2 months ago

އަފްރާހް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަމަހު ހުޅުވައިލުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.


އެކޮމެޓީން ނިންމަވާފައިވަނީ މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓު 1 ވާ ބުރާސްފަތި ދުވަހު ހުޅުއްވައިލެއްވުމަށެވެ. އަދި މި ފުރުސަތު ސެޕްޓެންބަރު މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް ހުޅުވައިލުމަށް ވެސް ވަނީ ނިންމަވާފައެވެ.


މި އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.


ރައީސް ދެއްވާ ހާއްސަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތައް ހިމެނެއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި ވެސް ހިމެނެއެވެ.


މީގެއިތުރުން ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއާއި، ފަންނުވެރި ޒުވާނުން ގައުމުގެ ތަރައްޤީއަށްކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމުދެއްވުމަށް ހިމަނާފައިވާ ގިންތި ވެސް ހިމެނެއެވެ.


އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށާއި އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އަސްލާއެއްގޮތްކަމަށް، ރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ވަކީލަކު ސޮއިކޮށް، ތައްގަނޑު ޖަހާފައި އޮންނަންވާނެ ކަމަށް އެ ކޮމެޓީން ވިދާޅުވެއެވެ.


ހަމަމިއާއެކު އިނާމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން މިކަންކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެ ކޮމިޓީން އެދިވަޑައިގަންނަވައެވެ.


ރައީސްގެ ހާއްސަ އިނާމު ދެއްވާނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު