ގައުމުގެ އިގްތިސާދީ މިނިވަންކަން ޔަގީން ކުރެވޭނީ ކަރަންޓާލައިގެން: ފަހުމީ

2 months ago

އަފްރާހް

ކަރަންޓާއި ނުލައި ގައުމުގެ އިގްތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ދައުލަަތަށް ހިދުމަތްކުރި ޝަރަފާއި މެޑަލް ސްޓެލްކޯގެ 16 މުވައްޒަފުންނަށް ލިބުމާއިގުޅިގެން ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.


އެމްޑީ ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތް ހީނަރުވެއްޖެނަމަ، ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިގްތިސާދީ މިނިވަންކަން ވެސް ހީނަރުވާނެ ކަމަށެވެ.


ޖުލައި 28 ވީ އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ހަފުލާގައި ހުސައިން ފަހުމީ ވިދާޅުވީ އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަގްބަލްގައި ޚިދުމަތް ކުރާނީ ވެސް ދިވެހި ދައުލަތަށް ކަމަށެވެ. އަދި ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގައި އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން ކަމަށެވެ.


މީގެއިތުރުން އެކަމުގައި ހީނަރުކަމެއް އައިސްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


"ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟" އެމްޑީ ވިދާޅުވިއެވެ.


ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުންކަން ފާހަގަކުރައްވައި ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުން ވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު