5 months ago
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޕެރިހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މިއީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ނައިބު ވަނީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.
ހަމައެއާއެކު އެމަނިކުފާނު ވަނީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަށް ހިތްވަރު ދެއްވުމުގެ ގޮތުން އެ މެޗު ބައްލަވާލެއްވުމަށް ބައިވެރިވެވަޑައިގެންފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.