ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް

2 months ago

އަފްރާހް

ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެތެރެއަށް ގެނައުމަށް މިހާރު ކުރިއަށްްދާ އޮޕަރޭޝަނާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ޝަމްޢާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ.


މީގެއިތުރުން އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުވިޔަނުދިނުމުގެ ގޮތުން ޢަމަލެއް ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ފަރާތްތަކާއިމެދު އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެކަން ވެސް ހަނދާންކޮށްދެއްވިއެވެ.


ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު 2007/1 ގެ 33 ވަނަ މާއްދާގެ ދަށުން ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ.


ކުށެއް ކުރީ ބިދޭސީއަކު ނަމަ، އެމީހެއްގެ އަދަބަކީ 15،000 ރުފިޔާއާއި 50،000 ރުފިޔާގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެމީހަކަށް ވަކި މުއްދަތަކަށް ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދާދި ފަހުން ތައާރަފްކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރައްޔިތުންގެ ދަނީ ގިނަ އަދަދަކަށް ރިޕޯޓުކުރަމުންނެވެ.


އިމިގްރޭޝަންގެ މަޤްސަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމެވެ.


ކިޔުންތެރިންގެ ހިޔާލު