4 months ago
މިއަހަރުގެ ފުރަތަމަ ކްއާޓަރގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 448 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
އެ ބޭންކުން ބުނީ މި ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފައިބެއަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު 3 އިންސައްތަ އިތުރު އަދަދެއް ކަަމަށެވެ.
މީގެއިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 2.8 ބިލިއަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށް ވެސް ބުނެއެވެ. އަދި މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެއެެވެ.
ބޭންކުގެ ރައުސްމާލް ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށް މި ކުއާޓަރ ނިމުނުއިރު، ޖުމްލަ އެސެޓް ވަނީ 44.9 ބިލިއަން ރުފިޔާ އަށް އަރާފައި ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ވެސް ބުނެއެވެ.
އިންފްލޭޝަންއާ ގުޅިގެން އަންނަ ޕްރެޝަރުތަކާއެކު ވެސް ހިންގުމުގެ ހަރަދުތައް ހިފެހެއްޓިފައިވާއިރު، ޕްރޮވިޝަން ކަވަރ ހުރީ ހަރުދަނާކަމާއެކު 100 އިންސައްތައިގައި ކަމަށް އެ ބޭންކުން ހާމަކުރެއެވެ. އަދި މި ކުއާޓަރ ގައި ބޭންކުން ވަނީ ރާއްޖޭގެ ޝަރުއީ ހަމަތަކަށްފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށްފައިކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯނު ތައާރަފްކޮށްފައިވާ ކަމަށާއި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓަރުގައި ވަނީ 'ބޭންކް ފަންޑް" އަށް އެދި ހުށަހަޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.