އެމްއެމްސީން ހިންގާ އެސްޖޭޕީ ޕްރޮގްރާމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތައުރީފް

2 months ago

ސާއި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހިންގާ ސްކޫލް ޖާނަލިޒަމް ޕްރޮގްރާމް (އެސްޖޭޕީ) ޕްރޮގްރާމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތައުރީފު ކުރައްވައިފިއެވެ.


ޖުލައި 31 ވީ ބުދަ ދުވަހު މާލިއްޔަތު ކޮމެޓީއާއެކު އެމްއެމްސީ މެމްބަރުން ބޭއްވެވި ބައްދަލުކުރެއްވުމުގައި މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވަނީ ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ލިޔެފައިވާ ހުންނަ ލިޔުންތަކުގައި އަދަބިއްޔާތުގެ ކުށް މިހާރަކަށް އައިސް ހުންނަކަން ފާހަގަކުރައްވާފައެވެ.


އެހެންނަަމަވެސް އެސްޖޭޕީ ގެ ސަބަބުން މިކަމަށް ހައްލު ލިބޭނޭކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުންނަން ބޭނުންވާ ޒުވާނުން އިތުރުވެ، އެ ދާއިރާ އިތުރަށް ފުޅާވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެސްޖޭޕީ ޕްރޮގްރާމު ރާވައި، ހިންގުމުގައި އިސްކޮށް އުޅުއްވާ އެއްފަރާތްކަމަށްވާ ކައުންސިލު މެމްބަރު މޫސާ ރަޝީދު ވިދާޅުވީ މިހައިތަނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުތަކުން އެންމެބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ދިވެހިބަހުން މޮޅަށް ލިޔާ ދަރިވަރުން ތިބިކަން ކަމުގައެވެ.


"އަޅުގަނޑުމެން މިހާތަަނަށް ވާނީ 241 ދަރިވަރުންނަށް މި ޕްރޮގްރާމް ހިންގާފަ. ވަރަށްބޮޑަށް ފާހަގަކުރެވުނު ދިވެހި ބަހަށް މޮޅު ލިޔުންތެރިން ތިބިކަން. އޭގެތެރެއިން ސްކޫލް ނިންމުމަށްފަހު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ގާތްގަޑަކަށް ފަންސާހަކަށް ދަރިވަރުން ވާނީ ޝޯޓުލިސްޓު ކުރެވިފަ." މޫސަ ވިދާޅުވިއެވެ.


މޫސަ އިތުރަށް ވިދާޅުވީ މި ޕްރޮގުރާމުގެ ދަށުން ދަރިވަރުން ތަމްރީންކުރަނީ ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުތައް ދަސްކޮށްދިނުމަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.


މީގެއިތުރުން އެސްޖޭޕީގައި ބައިވެރިވި ދަރިވަރުންނަށް އިންޓަރންޝިޕަށް ހުޅުވާލަން ނިންމާފައިވާކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރ މަހު، އެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ. އަދި އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލުމުގެ ކުރިން މި ޕްރޮގުރާމުގައި ބައިވެރިވާން މީޑިއާތަކަށް ހުޅުވާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްރޮގުރާމުގައި ބައިވެރިވާ މީޑިއާތަކުން ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ހަމަމިއާއެކު މި ޕްރޮގުރާމްގައި މީޑިއާތަކަށް ބައިވެރިވުމުގެ ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، އޭގެތެރޭގައި ވަކި ދުވަހެއް ވަންދެން އެ ދަރިވަރެއް މީޑިއާގައި ގެންގުޅުމަށާއި މުސާރައިގެ ގޮތުގައި ވަކި މިންވަރެއް ދިނުން ފަދަ ކަންކަން ހިމެނޭކަމަށް މޫސަ ވިދާޅުވިއެވެ.


ސްކޫލު ނިންމާ ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާ އަށް ވައްދައި، އެ ދާއިރާގައި ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި އެމްއެމްސީން ހިންގާ ސްކޫލް ޖާނަލިޒަމް ޕްރޮގްރާމުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް މިހާރުގެންދަނީ ހިންގަމުންނެވެ.


މި ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ މި ދާއިރާގެ ފުންނާބު އުސް ފަރާތްތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު