އުލިގަމުގައި ރައްޔިތުންގެ ހުވަފެނީ ޔޮޓް މެރީނާ ހަގީގަތަަކަށް ވަނީ

4 months ago

އަފްރާހް

ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އުލިގަމު ކައުންސިލްއާމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ކައުންސިލުގައި އޮގަސްޓް 1 ވަަނަ ދުވަހު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމް އެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދު އެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެއެވެ.

ވަޖީހް ވިދާޅުވީ އެރަށުގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.

މީގެއިތުރުން މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުކުރުމަކީ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

"އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ޚިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ." ވަޖީހު ވިދާޅުވިއެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަންކަރިން ސަރވިސް އާއި މެރިޓައިމްގެ ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް އެމް.ޕީ.އެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޚިދުމަތުން ވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

އުލިގަމު ކައުންސިލުގެ ރައީސް މުޢާޒް ވިދާޅުވީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މިކަަމަށް އިޖާބައެއް ނުދެއްވިނަމަވެސް ރައީސް ޑރ. މުޢިއްޒު އާއި އެމް.ޕީ.އެލް އިން މިކަން ހަގީގަތަކަށް ހައްދަވައިދެއްވާތީ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު