އަމާޒުން ބޭރުވާތީ ފެނަކައިން އައިސްޕްލާންޓު ހިންގުން ހުއްޓާލަނީ

2 months ago

އަފްރާހް

ކުންފުނީގެ އަމާޒުން ބޭރުވާތީ ފެނަކައިން އައިސްޕްލާންޓު ހިންގުން ހުއްޓާލަން ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ އޯގަސްޓު 1 ވީ ބްރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދުއެވެ.


މުއާޒު ވިދާޅުވީ އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ހިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއް ކަމަށްވާއިރު، އެއީ ކުންފުންޏަށް ވަރަށް ޚަރަދު ވެސް ބޮޑު ކަމެއްކަމަށެވެ. އެގޮތުން މި ހިދުމަތުގެ ސަބަބުން ކުންފުންޏަށް މަހަކު 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.


"މިމައްސަލައިގަ މިފްކޯއާއި ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފިން. މި ކުންފުނިން ދެން އައިސްޕްލާންޓްތައް ނުހިންގަން ވަނީ ނިންމާފަ." މުއާޒު ވިދާޅުވިއެވެ.


އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވީ ލ. މާމެންދޫގައި އަމިއްލަ ފަރާތްތަކުން ތަރައްގީކުރި އައިސްޕްލާންޓެއް ފެނަކައަށް ގަނެފައިވާ މައްސަލައެވެ. އޭނާ ވިދާޅުވީ އެތަން 11 މިލިއަން ރުފިޔާއަށް ގަނެފައިވާއިރު، އިތުރު އައިސްޕްލާންޓެއް ވެސް އެރަށުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.


މިއީ ގިނަ ސުވާލުތަކެއް އުފެދޭ މައްސަލައަކަށްވާތީ، އެކަން ވެސް ބަލަމުންދާކަމަށް ވިދާޅުވިއެވެ.


ފެނަކައިން ދިޔައީ 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތޭގައި ރަނގަޅަށް ޚިދުމަތް ނުދޭ ޕްލާންޓްތައްވެސް ހިމެނެއެވެ. ނަމަވެސް ކުންފުނިން މުވައްޒަފުންގެ ޚަރަދާ އޮޕަރޭޝަނަލް ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަމުންއާދެއެވެ.


ކިޔުންތެރިންގެ ހިޔާލު