ކުޅުދުއްފުށި ޕޯޓުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތް ނިމުމަކާ ގާތަށް

2 months ago

އަފްރާހް

ކުޅުދުއްފުށި ސިޓީ ޕޯޓުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތް ނިމުމަކާއި ގާތަށް ހިނަގައްޖެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ މި މަސައްކަތުގެ 95 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.


ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފޫޓުގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް އާއި މެނޭޖްމަންޓުގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް ވަނީ ހުކުރު ދުވަހު ވަޑައިގެންފައެވެ.


އެމްޕީއެލް އިން ވިދާޅުވީ ބޯޓް ޔާޑުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިންމައި، މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ފިނިޝިންގ ގެ މަސައްކަތްތައް ނިންމައި، ޚިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ސީ.އީ.އޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓް ޔާޑަކީ ވެސް މެރިޓައިމްގެ ޚިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމްކުރުމުގެ ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު