ގެއްލުނު ދޯނި ހޯދުމަށް ފްލައިޓުގެ އެހީތެރިކަން - އަދި ނުފެނޭ

5 months ago

އަފްރާހް

ގެއްލިގެން ހޯދަމުންދާ މުދާ އުފުލާ ދޯނި ހޯދުމަށް މޯލްޑިވިއަންގެ ފްލައިޓެއްގެ އެހީތެރިކަން ވައިގެ މަގުން ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ މިހައިތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާ ކަމަށާއި އެ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މައުލޫމާތު ދީފަައިވާ ކަމަށެވެ.


އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަނީ ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.


އެއީ މޭ 17 ވަނަ ދުވަހުގެ ހެނދުނު 6 ޖެހިއިރު ފުރި ދޯންޏެއް ކަަމަށާއި ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 5:20 ގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ވައިގެމަގުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އަންނަނީ ކަނޑުމަގުން ހަރަކާތްތެރިވަމުންނެވެ.


އެމްއެންޑީއެފް އިން ވަނީ މި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިލައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު