ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަރަންޓު މަސައްކަތް ދަސްކޮށްދޭ ކޯހެއް ފަށައިފި

2 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ކޯސް ފަށައިފިއެވެ. 


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި އަޑު އެހުމުގެ ނުކުޅެދުންތެރިކަން ހުންނަ 17 އަށްވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.


މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގާ މި ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. އަދި ކޯސް ފުރިހަމަ ކުރާ އެންމެހައި ފަރާތްތަކަށް ގޭގެއަށް ގޮސް އިލެކްޓްރިކަލް މަސައްކަތްކުރުމުގެ ލައިސެންންސް ވެސް ލިބިގެންދާނެއެވެ. 4 އޮގަސްޓުގައި ފެށިގެންދިޔަ މި ކޯހަކީ 6 މަސްދުވަހުގެ ކޯހެކެވެ.


ޕޮލިޓެކްނިކާއި ގުޅިގެން ފެށި މި ކޯސްތަކަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުމާއެކު، ވަޒީފާގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދާ ގިނަ ގުނަ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.


އެއާއެކު، މިފަދައިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މީހަކު ބާކީ ނުވާނެހެން މުޖުތަމައުގައި ހަމަހަމަކަން ގާއިމްކުރުމަށް ވެސް ބާރު އެޅިގެންދާނެއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ބެހޭ ވުޒާރާއިން ވަނީ ޕޮލިޓެކްނިކުން މިފަދަ ކޯސްތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާދެއްވާ ކަމަށްޓަކައި، ޕޮލިޓެކްނިކްގެ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ވަކިން ޚާއްސަކޮށް މި ކޯސް ނަންގަވައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޒޫޝާން ކަމާލުއްދީން އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.


މި ކޯހުގެ އިތުރުން، ޕޮލިޓެކްނިކްގެ ކޭކް އަޅަން ދަސްކޮށްދިނުމުގެ ކޯހެއް ވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު