ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ 241 ކޮމެޓީން އަލުން ބަލަނީ

2 months ago

އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ އަލުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.


އޮގަސްޓު 5 ވަނަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެ ހަމަލާއާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެ ހަމަލާއާ ގުޅިގެން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް އިންޓެލިޖެންސާ ބެހޭ ކަންކަން ބެލޭނެ ގޮތެއް އަދިވެސް ގާއިމުވެފައި ނެތްކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސިޓީ ލިޔެފައިވާ ކަމަށާއި އެ ސިޓީ މިއަދުގެ ހުށަހަޅުއްވާނެ ކަމަށެވެ.


ރައީސް ނަޝީދަށް ހަމަލާދީފައިވަނީ 2021 ވަނަ އަހަރުގެ މެއި 6 ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެއިން ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް ވަނީ އަނިޔާވެފައެވެ.


ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ރާއްޖެއާއި ރާއްޖެއިން ބޭރުން ވަނީ ބޮޑު އޮޕަރޭޝަންތަކެއް ކުރައްވާފައެވެ.


އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އަދި މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު