4 months ago
ރާއްޖެއިން އަބަދު ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ، ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަގީންކަން ރާއްޖެއިން ދީފިއެވެ.
މި ޔަގީންކަން ރާއްޖެއިން ދީފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
ފަލަސްތީނުގެ ބިންތައް ހިފައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ވަކި ގައުމެއް ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއިބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ހަނގުރާމަ ވަގުތުން ހުއްޓައިލާ، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތައް އެންމެ މުހިންމުކަން ކަމުގައި ވެސް ގޮވައިލެއްވިއެވެ.
ހަމައެއާއެކު، މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅުން ކަމަށް ވެސް މިނިސްޓަރުގެ ތަގްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީން، އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަފިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ތަގްރީރުގައި ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެކަން ވެސް ކުށްވެރިކުރައްވާފައެވެ.
އޯ.އައި.ސީ. އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުންދާ 57 މެމްބަރު ގައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމުޢިއްޔާއެކެވެ. ރާއްޖެ އޯ.އައި.ސީ. ގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރުއެވެ.