4 months ago
އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިންގެ ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
އެ މިނިސްޓްރީން މީޑިއާ އަށް ފޮނުއްވި ބަޔާނެއްގައި ވަނީ މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން އެގައުުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން އެކަން ބަލަމުން ކަމަށެވެ.
މިހާލަތާއި ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެގައުމުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި، އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
މީގެއިތުރުން މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި އެގައުމުގެ ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އިލްތިމާސް ކުރައްވައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދޭ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން conular@maldiveshighcommission.uk މެދުވެރިކޮށް ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.