ހާލު ކިހިނެއް ޕްރޮގްރާމް ވިލިމާލޭގަ

2 months ago

އަފްރާހް

ހާލު ކިހިނެއް؟ ޕްރޮގްރާމު ވިލިމާލޭގައި ފަށައިފިއެވެ.


އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވަނީ އޮގަސްޓު 7 ވަނަ ދުވަހުއެވެ. މިއީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު، ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް އަމާޒު ހިފާފައިވާ ކަަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުންނެވެ. 


މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.


މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް އެވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެއެވެ.


އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެވެ. 


މި ހަރަކާތުގައި އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ގެންދަވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

ސ.

އެއީ ހަމައެކަނި މާލެ ސަރަހައްދުގަ ހިންގާ ޕްރޮގްރާމެއްތޯ؟ ދެންހިންގާނީ ބޮޑެތި ސިޓީ ތަކުގަ.

2 months ago