ދެވަނަ ކްއާޓަރގައި އާސަންދައިން 823 މިލިއަން ރުފިޔާ ހަރަދުކޮށްފި

2 months ago

އަފްރާހް

މިއަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.


އެ ކުންފުނީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ޚަރަދެވެ. އަދި މިއީ ފައިބެއަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު، 11.5 އިންސައްތަ އިތުރުވުމެކެވެ.


އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 738 މިލިޔަން ރުފިޔާކަމަށް ތަފާސްހިސާބުން ދައްކައެވެ.


މީގެއިތުރުން މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް ފައިބެއަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާކަމަށާއި އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދަކީ 260،725 ކަަމަށް ވެސް ވިދާޅުވިއެވެ. އަދި މި އަހަރު މި ޢަދަދުވަނީ 265،059 އަށް އިތުރުވެފައިކަން ފާހަގަކުރައްވައެވެ.


ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ވަނީ ގެންގޮސްފައެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް ދައްކައެވެ.


ސަރުކާރުން މިހާރު ނިންމަވާފައިވަނީ އާސަންދަ ސްކީމް ހަރުދަނާކޮށް އިތުރު ޚިދުމަތްތައް ވެސް އެ ސްކީމުގެ ދަށުން ލިބޭ ގޮތްތައް ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު