ޕޮލިޓެކްނިކުން ފޮޓޯގްރަފީ ކޯހެއް، މިހާރު ބައިވެރިވެވޭނެ!

2 months ago

އަފްރާހް

މޯލްޑިވިސް ޕޮލިޓެކްނިކްގެ ނެޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


މި ކޯހަކީ ފޮޓޯނެގުމަށް ޝައުގުވެރިކަން ހުންނަ ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަސް ޚާއްސަކޮށް ހުޅުވާލެވިފައިވާ ކޯހެކެވެ.


ފީއަކާއި ނުލައި މުޅިން ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތަކީ އަސާސީ ތަޢުލީމު ނުވަތަ ގްރޭޑް 6ގެ ފެންވަރު ހުރުން ނުވަތަ ލިޔަންކިޔަން ދަންނަ މީހަކު ކަމުގައި ވުމެވެ.


ޕޮލިޓެކްނިކްގެ މާލޭ ކެންޕަސްގައި،ކުރިޔަސް ގެންދިއުމަށް ނިންމާފައިވާ މި ކޯސް ކުރިޔަސް ގެންދާނީ މެންދުރުފަހުގެ ވަގުތަކުގައެވެ.


6 މަސްދުވަހުގެ މުއްދަތަކަށް ބަހައިލެވިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ދިވެހި ޒުވާނުންގެ ކިބާގައިވާ ފޮޓޯނެގުމުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ފޮޓޯނެގުމުގެ އައު އުކުޅުތައް މި ކޯހުގެ ބައިވެރިންނަށް ދަސްވެގެންދާނެއެވެ.


މި ޕޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 14 އޮގަސްޓް ވާ ބުދަ ދުވަހުގެ މެންދުރުފަހު 2 ޖަހަންދެނެވެ.


މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ދަށުން ހިންގާ ޕޮލިޓެކްނިކުން އަންނަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެހެންކަމުން މިފަދަ ފިރުސަތުތައް ހުރިހާ ރަށްރަށެއްގެ ކައުންސިލްތަކާއި، ޖަމިއްޔާ، ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު