ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި އިހުތިޖާޖަކަށް ދާންޖެހުނަސް ތައްޔާރު: އެމްޑީޕީ

2 months ago

އަފްރާހް

ސަރުކާރުން، ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންގެ ހައްގުގައި އިހުތިޖާޖަކަށް ދާންޖެހުނަސް، އެކަން ކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.


އެ ޕާޓީން މިގޮތަށް ނިންމީ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.


އެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން އިންސާފު ހޯދައިދިނުމަށް ވެސް އެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.


މީގެއިތުރުން ސީދާ ހަރަކާތަށް ނިކުންނަން ޖެހިއްޖެނަމަ، އެކަން ވެސް ކުރުމަށް ވަނީ ގޮވާލާފައެވެ.


މި ގަރާރު ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށް، ގަރާރުގެ މަސައްކަތްކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް އެކުލަވައިލާފައި ވެއެވެ. އެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒު ސައީދު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި އަލިފުށި ދާއިރާގެ އެމްޑީޕީގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކުޑަހުވަދޫ ދާއިރާގެ އެ ޕާޓީގެ ރައީސް ޝާތިރު އަބްދުއްރަހްމާން އެވެ.


މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ފައްޔާޟު އިސްމާއިލް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމަކާ ދެކޮޅަށް އެމްޑީޕީން އަޑު އުފުލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު