4 ރަށެއްގެ އިންޖީނުގޭގައި ނުނިމިހުރި މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

2 months ago

އަފްރާހް

4 ރަށެއްގެ އިންޖީނުގޭގައި ނުނިމިހުރި މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.


އެ ކޯޕަރޭޝަނުން އިއުލާން ކޮށްފައިވަނީ ށ. މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަމުން ގެންދާާ އިންޖީނު ގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށެވެ.


ފެނަކައިން ބުނީ މިގޮތަށް ނިންމީ އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑުތަނުން ޚަރަދު ކުޑަވެފައި ލުއިފަސޭހަވެގެންދާނެތީއެވެ.


މިހާރު އިއުލާންކުރި 4 މަޝްރޫއަކީ ވެސް ކުރީގެ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ކުރިއަށް ގެންދަމުންދިޔަ ހަތަރު ޕްރޮޖެކްޓު ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ނުއަގުގައިކަން ފެނަކައިން ފާހަގަކުރެއެވެ.


ފެނަކަ އަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށް ބުނެއެވެ. އަދި ރައްޔިތުންނަށް އެދެވޭ ހިދުމަތެއް ދެވޭ ކުންފުންޏަކަށް، ފެނަކަ ވެގެންދިއުމަށް ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދު ވެސް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު