ބޯޑިންގ ޓީމްތަކަށް ހާއްސަ ވީބީއެސްއެސް ޕްރޮގްރާމެއް ހިންގައިފި

2 months ago

އަފްރާހް

ބޯޑިންގ ޓީމްތަކަށް ހާއްސަ ވީބީއެސްއެސް ޕްރޮގްރާމެއް ހިންގައިފިއެވެ.


މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.


ޖުލައި 28 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ޅ. މާފިލާފުށީގައި ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓް 08 ވަނަ ދުވަހު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އެކްޓިންގ ކޮމާންޑިންގ އޮފިސަރ، މޭޖަރ އަޙްމަދު ޝަފީއުއެވެ.


މި ތަމްރީނު ކޯހަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން ތަމްރީނެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ 8 ސިފައިން ބައިވެރިވި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.


ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ މުދައްރިބުންނާއި ކޯހުގެ ދަރިވަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު