ޔޫނުސްގެ މޭސްތިރިކަމުގައި ބަންގްލަދޭޝް އަށް ފާގަތި ދުވަސްތަކަކަށް އެދެން: ރައީސް

2 months ago

އަފްރާހް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ޔޫނުސް އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންވައިފިއެވެ.


މީސްމީޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް ޑރ. މުހައްމަދު ޔޫނުސް އައްޔަންކުރައްވާފައިވާތީ މަރުބާ ދަންނަވާފައެވެ.


މީގެއިތުރުން ބަންގްލަދޭޝް އަކީ ރާއްޖޭގެ ދުވަސްވީ ރަހްމަތްތެރިއެއްކަން ފާހަގަކުރައްވައި، ޔޫނުސްގެ ވެރިކަމުގެ ދަށުން އެ ގައުމުގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި ސުލްހަވެރިކަމާއި ފާގަތިކަން ލިބުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.


އެގައުމުގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ޝެއިހް ހަސީނާ އިސްތިއުފާދެއްވުމުންނެވެ.


އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ގޮތުގައި ޔޫނުސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ރައީސްގެ ގެކޮޅު، ބަންގަބަންގައެވެ. ހުވާ ލައިދެއްވީ ރައީސް މުޙައްމަދު ޝަހާބުއްދީނެވެ. ޗީފް އެޑްވައިޒަރުގެ މަގާމަކީ ހާލަތުގެ ގޮތުން ބޮޑުވަޒީރުގެ މަގާމާ އެއް ފެންވަރެއްގެ މަގާމެކެވެ.


އެ ރަސްމިއްޔާތުގައި ބޭރުގެ ޑިޕްލޮމެޓުންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާއި އިސް ވިޔަފާރިވެރިން ވަބީ ބައިވެރިވެފައެވެ. އަދި ކުރިން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕާޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.


އެހެންނަމަވެސް ޝެއިހް ހަސީނާގެ އަވާމީ ލީގުގެ އެއްވެސް ބޭފުޅަކު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ކެބިނެޓުގައި 16 ބޭފުޅަކު ހަމަޖައްސަވާފައިވާއިރު، މި ހުރިހާ ބޭފުޅުން ވެސް ވަނީ ހުވާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު