ވިޒިޓް މޯލްޑިވްސް ޕްރޯ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް

2 months ago

އަފްރާހް

"ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ.


ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ބޮޑީބޯޑިންގ ނުވަތަ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާރގައި ހިމެނޭ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ނައިބު ހަވާލުކޮށްދެއްވިއިރު، ވިމެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.


އޯގަސްޓް މަހުގެ 2 އިން 9 އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ 15 ބައިވެރިންނާއެކު ޖުމްލަ 14 ޤައުމަކުން 88 އެތުލީޓުން ބައިވެރިވެފައިވެއެވެ.


އެގޮތުން މި މުބާރާތުގައި ފިރިހެން އޯޕަން ޑިވިޜަނުގައި 50 އެތުލީޓުން، އަންހެން އޯޕަން ޑިވިޜަނުގައި 23 އެތުލީޓުން އަދި ޖޫނިއަރ ބައިގައި 23 އެތުލީޓުން ބައިވެރިވިއެވެ.


މި މުބާރާތުގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ތިންވަނަ ފަހަރެވެ.


މި ސަރުކާރުން ރާއްޖޭގައި މޫދު ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިންޓަރނޭޝަނަލް ފެންވަރުގެ ސަރފިންގ ސްޓޭޑިއަމަކަށް މާލޭ ރާޅުގަނޑު ސަރަހައްދު ހެދުމާއި ސަރފިންގ ޓޫރިޒަމް ފުޅާކޮށް، އޭގެ ނަފާ ހޯދުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު