މިނިސްޓަރ ރަމީލާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައިފި

2 months ago

އަފްރާހް

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އާއިޝަތު ރަމީލާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފިއެވެ.


މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވޭ ދަނޑުވެރިކަމުގެ ސެންސަސްގައި ބޭނުންކުރާ ސުވާލުކަރުދާސް ޓެސްޓް ކުރުމާއި ދަނޑުވެރިންނާއި ބައްދަލުކޮށްލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވޭ ދަނޑުވެރިކަމާއި ގުޅޭ ބޯހިމެނުމެކެވެ.


ދަނޑުވެރިކަމުގެ މި ބޯހިމެނުމަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.


މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ފ. އަތޮޅު ދަނޑުވެރި ރަށްތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ފ. މަގޫދޫ އަށް ވަޑައިގެން ރަށު ކައުންސިލްއާއި ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވާ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ހާލަތު ބެއްލެވުމުގެ ގޮތުން ދަނޑުތަކަށް އެކަމަނާ ވަނީ ޒިޔާރަތް ކުރައްވާފައެވެ.


ހަމަ އެ ތާރީޚުގައި އެ އަތޮޅު ދަރަނބޫދޫ ކައުންސިލް އިދާރާގެ ބޭފުޅުން އަދި ރަށުގެ ދަނޑުވެރިންނާ ވެސް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއާއި ދަރަނބޫދޫގެ ކައުންސިލް ގުޅިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


މީގެއިތުރުން 10 އޮގަސްޓް ގައި ނިލަންދޫ ކައުންސިލުގެ ބޭފުޅުންނާއި އަތޮޅު ކައުންސިލާ ވެސް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ.


ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ރަމީލާ އެނބުރި މާލެ ވަޑައިގެންފައިވަނީ 10 އޮގަސްޓްގައެވެ.


ކިޔުންތެރިންގެ ހިޔާލު