ހާލު ކިހިނެއް ޕްރޮގްރާމުން ފާހަގަވި ބޭސްފަރުވާއާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ވުޒާރާ އިން ހެލްތު މިނިސްޓްރީ އާ މަޝްވަރާ ކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތްތަކާއި ދާނުގައި ތިބޭ މީހުންނާއި އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެ ފަރާތްތައް ހޮސްޕިޓަލަށް ގެނައުމާއި ސްޕެލިސްޓުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދެ ވުޒާރާއިން ގުޅިގެން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވެސް ފުޅާ ދާއުރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.


އެ ބައްދަލުވުމަށް ރިއާޔަތްކުރައްވާ ޕީ.އެސް.އެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ ބޭސްފަރުވާގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވާ މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.


އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މިހާރުވެސް އެ ވުޒާރާއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ކަމާއިގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.


ހާއްސަކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކްގެ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވި، އެ ކްލިނިކްގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފެން ފެށުމާއެކު، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ހޯދިފައިވާކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.


އެގޮތުން 30 މެއި އިން ފެށިގެން މިހާތަނަށް އެ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި، ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ލިބެން ނުހުންނަ ބޭސް ބޭސް ފޯރުކޮށްދިނުމުގައި އެސް.ޓީ.އޯ މެޑިކަލްސްއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށާއި، ގިނަ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


ލަހުފާ އިތުރަށް ވިދާޅުވީ ސިއްހީ މައްސަލަތަކަށް ދެމެހެއްޓެނިވި ދާއިމީ ހައްލުތަކެއް ހޯދުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެވި، މަސައްކަތްތަކެއް ފެށިފައިވާއިރު، އެ މަސައްކަތްތަކާއެކު އެދެވޭ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު