ދިވެހިންނަށް ޑޯނިއާ މަތިންދާބޯޓު ދުއްވަން ދަސްކޮށްދޭން އިންޑިއާގެ ޝައުގުވެރިކަން

5 months ago

އަފްރާހް

ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހިންނަށް ދަސްކޮށްދޭން އިންޑިއާގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފިއެވެ.


އެގައުމުގެ އެކްސްޓަރނަލް އެފެއަރޒުން މިފަދައިން ވިދާޅުވެފައި މިވަނީ ކޮންމެ ހަފުތާއަކު ވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


މިވާހަކަ ފެންމަތިވެފައިމިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ދާދިފަހުން އެގައުމަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ސަބަބުންނެވެ. އޭނާ ސުވާލުކޮށްފައިވަނީ މިނިސްޓަރ މޫސާ ޒަމީރުގެ ދަތުރުފުޅުގައި ޑޯނިއާ އޮޕަރޭޓުކުރުމަށް ހާއްސަ ޕައިލެޓުން ތަމްރީނުކުރުމާމެދު އެއްވެސް މަޝްވަރާއެއް ކުރެވުނުތޯއެވެ.


އެ ސުވާލަށް ޖަވާބު ދެއްވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒުން ވިދާޅުވީ ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެނަމަ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކޮށްދޭން ދިވެހި ޕައިލެޓުން ތަމްރީން ކޮށްދޭން އޮތީ ތައްޔާރަށް ކަމަށެވެ.


އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ ދެގައުމުގެ ގުޅުން އަސްކަރީ ގޮތުން ބިނާވެފައި އޮތް އެއް އަސާސަކީ ގާބިލްކަން އިތުރުކުރުމުގެ ދާއިރާ ކަމަށެވެ. އެހެންވެ އެ ފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަން ކުރުމަށް އިންޑިއާ އިން އެހީވެދޭނެ ކަމަށާއި އެކަމަށް ފަސްނުޖެހޭނެ ކަމަށެވެ.


އިންޑިއާ އިން މި ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވައި، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ހުރިހައި ސިފައިން މިހާރުވަނީ އެގައުމަށް އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު