ހިދުމަތް ދިނުމަށް ބޭނުންވާ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ދޭނަން: ރައީސް

2 months ago

އަފްރާހް

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


އެމަނިކުފާނު މި ޔަގީންކަން ދެއްވި މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްގީއާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މާލެ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ މާލެ ސިޓީގެ ތަރައްގީއަށް މިހާރުކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ. އަދި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ރައީސް އާ ހިއްސާ ކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާލެ ސިޓީ ކައުންސިލްގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މިސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން ވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.


ރައީސް މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ބައްދަކުރެއްވުމަށްފަހު ކައުންސިލްގެ ފަރާތުން ވަނީ ރައީސް އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.


މިއީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު