4 months ago
މިއަހަރުގެ ޖުލައި މަހު މީރާއަށް 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.
އެ އިދާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ފައިބެއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.1 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، މިއަހަރުގެ ޖުލައި މަހު ސުންގަޑިއައް ބަދަލެއް އައިސްފައި ނުވާތީ، ޖުލައި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.
މީގެއިތުރުން ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ޖުލައި 2023 އާއި އަޅައިބަލާއިރު، ޖުލައި 2024 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %2.4 އިތުރުވެފައިވާތީ ޓީ.ޖީ.އެސް.ޓީގެ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކަން ޖެހޭ، 2024 ވަނަ އަހަރުގެ ދެ ވަނަ އިންޓެރިމްގެ ފައިސާ ވެސް މީރާއިން ވަނީ ޖުލައިމަހު ބަލައިގަނެފައެވެ.
ހަމަމިއާއެކު ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. އަދި އެންފޯރސްމަންޓް ފިޔަވަޅުތަކާއި ގުޅިގެން، ކުރީގެ ސުންގަޑިތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ މީރާއަށް ލިބިފައިވުމަކީ ވެސް ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ސަބަބެކެވެ.
ޖުލައި 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.47 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ ގެ ގޮތުގައެވެ. އެއީ 997.31 މިލިއަން ރުފިޔާއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 116.28 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.83 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 75.05މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 217.78މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖުލައި 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.