ކުރިއަށް އޮތް ދެ މަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުވާނެ

5 months ago

ސާއި

ކުރިއަށް އޮތް ދެ މަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުވާނެ ކަމުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.


އެކަމަނާ ވިދާޅުވީ ކުރިއަށް އޮތް ޖުލައި އަދި އޮގަސްޓް މަހަކީ އެގައުމުގެ ގިނަ ދަރިވަރުންނަށް ސްކޫލް ޗުއްޓީއާ ދިމާވާ ދުވަސްވަރު ކަމަށެވެ. އެހެންކަމުން މިހާރަށްވުރެ ގިނައިން އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ބެލެވޭ ކަަމަށް ވިދާޅުވިއެވެ.


"ޖުލައި އަދި އޮގަސްޓު މަހަކީ ބައެއް ސްކޫލުތަކަށް ޗުއްޓީ ދެމަސް. އެހެންވީމަ ގިނަ އާއިލާތަކުން ދާނެ ޗުއްޓީ ހޭދަކޮށްލަން ގައުމުން ބޭރަށް. ރާއްޖެއަކީ ޗައިނާގަ ވަރަށް މަޝްހޫރުތަނެއް. އެހެންވީމަ ރާއްޖެއަށް ގިނަބަޔަކު އަންނާނެކަމަށް މިބަލަނީ." އެމްބެސެޑަރ ވިދާޅުވިއެވެ.


މީގެއިތުރުން އެކަމަނާ ވަނީ މިހާރުވެސް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކުރައްވައި، މިހާރަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މާކެޓު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.


މި މޭ މަހުގެ ފަހު ކޮޅު ޗައިނާގައި އޮންނަ އައިޓީބީ އަކީ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީި އަށް ލިބޭ ވަރަށްރަނގަޅު ފުރުސަތެއް ކަމަށާއި ހާއްސަކޮށް މި ފެއާރ އޮންނަނީ ޗައިނާގެ ޗުއްޓީ ދުވަސްވަރުގެ ކުރިންކަމަށްވާތީ ފުރުސަތު ބޮޑުކަމަށް ވެސް ވިދާޅުވިއެވެ.


ޓޫރިޒަމް މިނިސްޓްރޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 92000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. 


ކިޔުންތެރިންގެ ހިޔާލު