ޝިވްނިންގ ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

2 months ago

އަފްރާހް

"ޝިވްނިންގ،މޯލްޑިވިސް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބާއްވައިފިއެވެ.


މިއީ "ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ ދަށުން، އިނގިރޭސި ވިލާތް (ޔޫކޭ) ގެ ޚަރަދުގައި 4 ދިވެހި ދަރިވަރުންނަށް ޔޫކޭ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. ބްރިޓިޝް ހައި ކޮމިޝަނުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ، ކެރޮން ރޮސްލާއެވެ.


މި ރަސްމިއްޔާތުގައި، މިނިސްޓަރ ވަނީ އެގައުމުން ރާއްޖެއަށް ދެއްވި ސްކޮލަރޝިޕްތަކާއި އެ ސްކޮލަރޝިޕްތައް ލިބޭ ދަރިވަރުން ހޮވުމުގައި ދެއްވި އެހީއާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.


އެކަމަނާ ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ. އަދި ޔޫކޭ އިން ދެއްވާ ޝިވްނިންގ ސްކޮލަޝިޕަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަރޝިޕެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ޔޫކޭ ފަދަ ޤައުމެއްގައި، ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކުގެ ތެރޭގައި، ތަޢުލީމު ހާޞިލުކުރަމުންދާއިރު ދިވެހި ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވުމުގެ އިތުރުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމާއި، ނަމަވެސް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއް ކަމަށް އެކަމާނާގެ ވާހަކަފުޅު ގައި ވަނީ ފާހަގަ ކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ، ކެރޮން ރޮސްލާ ވިދާޅުވީ އިއްޔެއަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ކަމުގައިވީއިރު، މިއަދު މިފަދަ، ޒުވާނުންނަށް ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރެވުމުން، ޒުވާނުންގެ ދުވަސް ފާހަގަ ކުރެވުނުކަމުގެ އިހްސާސް ކުރެއްވެވިއްޖެކަމަށް ވިދާޅުވިއެވެ. 


މީގެއިތުރުން އިނގިރޭސި ސަފީރު ވިދާޅުވީ، ދެ ޤައުމުން ވެސް މަސައްކަތްކުރަމުން ދަނީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން އިތުރުކުރުމާއި، އެޒުވާނުންނަކީ އެކި ދާއިރާތަކުގައި ދިވެހިރާއްޖެއަށް ޚިދުމަތްކޮށް، ޤައުމުގެ މުސްތަޤްބަލް ބިނާކުރާ ބަޔަކަށް ހެދުމަށްކަމަށެވެ. އެގޮތުން އިނގިރޭސި ދަޢުލަތުން ދިވެހިރާއްޖެއަށް ދޫކުރާ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުވެފައިވުމަކީ އުފާކުރާ ކަމެއްކަމަށާއި، މި ސްކޮލަޝިޕްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކުން ދޫކުރާ ސްކޮލަޝިޕްތަކެއްކަން ހައި ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. 


މި ސްކޮލަޝިޕްގެ ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ. ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މި ސްކޮލަޝިޕްގެ ދަށުން ތަމްރީން ވި ދަރިވަރުންނަށް "އެލުމްނާއި ޕްރޮޖެކްޓް"ގެ ނަމުގައި ގްރާންޓެއް ދެވޭކަމަށާއި، މި ގްރާންޓް އިން ލިބޭ ފައިސާ އަކީ އެ ދަރިވަރަކު ތަޢުލީމު ހާޞިލުކުރި ދާއިރާއެއްގެ ތަރައްޤީއަށްޓަކައި ދެވޭ ގްރާންޓެއްކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި،އެ ވުޒާރާގެ އިސްބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު