ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް ހުށަހަޅައިފި

2 months ago

އަފްރާހް

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު ހުސައިން ޝަމީމް، އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.


ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅުއްވި ސިޓީގައި ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަކީ ވަކި ފަރާތަކަށް ބުރަނުވާ، ގާނޫނުއަސާސީ އާއި މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރާ، އަދި އެއްވެސް ފަރާތެއްގެ ނުފޫޒުގައި ނެތް ބޭފުޅަކަށް ވާންވާނެ ކަމަށެވެ.


މީގެއިތުރުން ވަކި ފަރާތްތަކަށް މަންފާއެއް ހޯދައިދިނުމުން އެއްކިބާވެ، ޕްރޮސެކިއުޓަރު ޖެނެރަލް އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރައްވަން ވާނީ ހަމަހަމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް ވެސް އެ ސިޓިގައި ވެއެވެ.


އެހެންނަމަވެސް ޝަމީމް ވަނީ ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށާއި އެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށް ވެސް މެމްބަރު ޝާހިދުގެ ސިޓީގައި ވެއެވެ.


ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް ހުށަހެޅުއްވާފައިވާ ސަބަބުތަކުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން ހިމެނެއެވެ. އަދި މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުން ވެސް ވަނޯ ހިމަނާފައެވެ.


އެ ސިޓީގައި ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުމާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިންގ ދައުވާ އަނބުރާ ގެނައުން ވެސް ވަނީ ހިމަނާފައެވެ.


ޕީޖީގެ މަގާމުން ޝަމީމު ވަކުކުރުމަށް ހުށަހަޅާފައިހުރި ސަބަަބުތަކުގެ ތެރޭގައި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުމާއި ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުން ވެސް ހިމެނެއެވެ. އަދި ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުން ވެސް ހިމެނެއެވެ.


ހަމަމިއާއެކު ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް ހިމެނޭއިރު، ކޮމިޓީން ނިންމާފައިވަނީ ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށެވެ.


އެހެންކަމުން ޝަމީމް މަގާމުން ވަކިވާނީ ކޮމިޓީން އޭނާ ވަކިކުރަން ނިންމައި، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ތަޅުމުން ފާސްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު