ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފި

5 months ago

ސާއި

ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކުރައްވާފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ ވައިސް ޗެއަރ ލީ ޝިއާއޯސަންގެ މި ދަތުރުފުޅާއެކު ރާއްޖެއާ ދެމެދު ގުޅުންތައް އިތުރަށް ވަރުގަދަވާނެކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ދެ ގައުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ބަދަހި ކުރުމުގައި ރައްޔިތުންގެ މެދުގައި ގާތްގުޅުމެއް އޮތުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ ސައީދު ވަނީ މިއީ ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގައި ވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ވައިސް ޗެއަރ ލީ ޝިއާއޯސަން އަދި ވަފުދުގައި ހިމެނޭ ފަރާތްތަކުން މިފަދަ ދަތުރެއް ރާއްޖެއަށް ކުރައްވާތީ ޝުކުރު އަދާކުރައްވައި، ދެގައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިގްތިސާދީ ޕާޓްނަރޝިޕަކަށް ބަދަލުވެފައިވާ ކަން ވެސް ފާހަގަކުރައްވާފައެވެ.


އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ޔުނާންގެ ކުންމިންގައި ބާއްވާ ކުންމިންގ ފެއާރގެ ތެރެއިންނާއި ޓޭބަލް ޓެނިސްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު