އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި ހަބީބު ވެސް ޕީއެންސީ އަށް

5 months ago

އަފްރާހް

މިއަހަރުގެ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، ކުރެންދޫ ދާއިރާއަށް އިންތިހާބުވި ޝާމިން ހަބީބު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.


އެ ކޮންގްރެސް އިން ވަނީ މީޑިއާ އަށް އެކަން ޔަގީންކޮށްދީ، މީސްމީޑިއާގައި ފޮޓޯ ހިއްސާކޮށްފައެވެ. ހަބީބުގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އެ ކޮންގްރެސްގެ އިސްވެރިން ބައިވެރިވަވަޑައިގެންނެވިއެވެ.


ހަބީބު، ޕީއެންސީ އަށް ސޮއި ކުރައްވާފައިވާއިރު، މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ހަ މެމްބަރަކު މީގެކުރިން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.


އެއީ މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު، ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ، ތިމަރަފުށި ދާއިރާއިން އިންތިހާބުވި އަހުމަދު ރިޔާޒް، ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް އަދި މަތިވެރި ދާއިރާއިން އިންތިހާބުވި ހަސަން ޒަރީރެވެ.


ޝާމިން، ޕީއެންސީ އާ ގުޅިވަޑައިގަތުމުން 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރުމަށް 74 މެމްބަރުން ތިއްބަވާނެއެވެ.


އަމިއްލަގޮތުން ހޮވޭ މެންބަރުން ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކުރައްވައިފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބުނެ އެމްޑީޕީގެ މެޖޯރިޓީން އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް، އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.


އެހެންނަމަވެސް އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން ދައުރުގެ ކުރިން ނުވަތަ މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފިނަމަ، ވާނެ ގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު